Friday, November 20, 2009


ދުޢާކުރުމުގެ މަތިވެރިކަން
އުންމު ޒައިދު
އެންމެހައި ޙަމްދުޘަނާއާއި ތަޢުރީފެއް ވަނީ ﷲ އަށެވެ. އެކަލާނގެއީ އެދިވޮޑިގެންވާ އަޅަކަށް އެކަލާނގެ ފަޟްލުވަންތަކަމުންނާއި އޯގާވަންތަ ކަމުން އިސްލާމްދީނަށް ތެދުމަގު ދައްކަވާ އިލާހެވެ. އަދި ޙިކްމަތްވަންތަކަމުން އެކަލާނގެ ކިބަފުޅުން މޫނު އަބުރާމީހާ އަދިރިކަމުގައި މެހިގެންވާގޮތަށް މަގުފުރައްދަވާ އިލާހެވެ.

އަދި އެންމެހައިޞަލަވާތާއި ސަލާމެއްވަނީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވައި ރަސޫލުކަން ޚަތަމްކުރެއްވި محمد بن عبد الله އަށެވެ. އެކަލޭގެފާނަކީ އެންމެހައި މީސްތަކުންގެ މައްޗަށްއުފާވެރިކަމުގެ ޚަބަރާއި އިންޒާރު ދެއްވައި ﷲ ގެ އިޒްނަފުޅާއި އެކު އެކަލާނގެ ތެދުމަގަށް ގޮވާލައްވައި އަދި އަލިކަން ފާޅުވެގެންވާ ވޮށެއްކަމުގައި ﷲ ފޮނުއްވި ރަސޫލާއެވެ. އެއަށްފަހު ދަންނާށެވެ.

ދެންހަމަކަށަވަރުން މަތިވެރިވެގެންވާ ޢިއްޒަތްވަންތަ ﷲ ވަޙީ ކުރެއްވިއެވެ.

{
وَقَالَ رَبُّڪُمُ ٱدعُونِى أَستَجِب لَكُم إِنَّ ٱلَّذِينَ يَستَكبِرُونَ عَن عِبَادَتِى سَيَدخُلُونَ جَهَنَّمَ دَاخِرِينَ} (سورة غَافر ٦٠)

މާނައީ:އަދި ތިޔަބައި މީހުންގެވެރި ރަސްކަލާނގެ ވަހީކުރެއްވިއެވެ ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަށް ދުއާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުއާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އައް (ދުއާ ކޮށް) އަޅުކަންކުރުމައް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތެތިވެގެންވާ ހާލުގަ އެއުރެން ނަރަކަ އައް ވަންނާނެއެވެ.

އިސްވެ ދެންނެވުނު އާޔަތުގައި ﷲސުބުޙާނަހޫ ވަތަޢާލާ އެއިލާހަށް ދުޢާކުރުމަށް އަމުރު ކުރައްވައިފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ހަމައެކަނި އެ އިލާހަށް ދުޢާކުރުމެވެ. އެ ދުޢާގައި އެހެންފަރާތެއް ބައިވެރި ނުކުރުމެވެ.
އަހަރުމެން ﷲ އަށް ދުޢާކުރުމުގައި އެހެންމީހެއްގެ އެހީއެއް ބޭނުމެއް ނުވެއެވެ. ދުޢާކޮށްދިނުމަށް އެދި މީހެއްގެ ގާތުގަ އެދޭކަށްވެސް ނުޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެންމެ މޮޅަށް އައްސަވާ އިލާހެވެ. އެ އިލާހު ވޮޑިގެންވަނީ އަޅުތަކުންގެ ދުޢާ އައްސަވާ އިލާހަކު ކަމުގައި އަންގަވައި ވަޙީކުރައްވާފައި ވަނީ:

{
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ} (سورة البقرة ١٨٦)

މާނައީ:އޭ މުޙައްމަދުގެފާނެވެ! ތިމަންރަސްކަލާނގެއާމެދު، ތިމަންރަސްކަލާނގެ އަޅުތަކުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ ދަންނައެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެބައިމީހުންނާ ކުއްތަންވެ ވޮޑިގެންވަމެވެ. ތިމަންރަސްކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވާމީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވާހުށީމެވެ. ފަހެ ތިމަންރަސްކަލާނގެ އަމުރުކުރެއްވި ކަންތައްތަކަށް އެބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި އީމާންކަންމަތީ ދެމިތިބޭހުށިކަމެވެ! އެއީ އެބައިމީހުންނަށް ތެދުމަގު ލިބުމަށްޓަކައެވެ.

އިސްވެ ދިޔަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާން ކޮށްދެއްވާފައިވަނީ ސީދާ އެ އިލާހަށް ދެންނެވުމަށެވެ. އެއްވެސް ޙާލެއްގައި ގަބުރެއް ނުވަތަ ވަލީވެރިއެއް މެދުވެރި ކުރާކަށް ނޫނެވެ.

ދުޢާކުރުމުގެ މުހިއްމުކަން ބަޔާން ކުރައްވައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ: "الدعاء هو العبادة" މާނައީ: އަޅުކަމަކީ ދުޢާއެވެ.

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއީ ދީލަތި އިލާހެއްކަން ބަޔާން ކުރައްވައި ޙަދީޘްކުރެއްވިއެވެ: "إن ربكم تبارك وتعالى حيي كريم يستحيي من عبده إذا رفع يديه إليه أن يردهما صفرا"

މާނައީ: ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި ﷲ އަކީ ލަދުވެތިވެވޮޑިގެންނަވާ ދީލަތި ރަސްކަލާނގެއެވެ. އެއިލާހަށް އެއިލާހުގެ އަޅަކު ކަމަކައިގެން ދެއަތް އުފުލައި ދަންނަވައިފިނަމަ ހުސް އަތާއި އަނބުރާ ރައްދުކުރެއްވުމައަށް އެ އިލާހު ލަދުވެތިވެ ވޮޑިގެންނަވައެވެ."

އަދިވެސް ޙަދީޘްކުރެއްވިއެވެ: "ما من مسلم يدعو الله بدعوة ليس فيها إثم ولا قطيعة رحم إلا أعطاه الله بها إحدى ثلاث: إما أن تعجل له دعوته, و إما أن يدخرها له في الآخرة, و إما أن يصرف عنه من السوء مثلها"

މާނައީ: އެއްވެސް މުސްލިމަކު ދުޢާއެއް ކޮށްފިނަމަ ﷲ އެމީހަކަށް ތިންކަމަކުން އެއްކަމެއް މިންވަރު ނުކުރައްވާ ދުޢާއެއް އެއްވެސް މުސްލިމަކު ނުކުރެއެވެ. އެއީ އެދުޢާއެއްގައި ފާފައެއް ނުވަތަ ރަޙިމުގެ ގުޅުންކެނޑުމެއް ނުވާނަމައެވެ. އެ ތިން ކަމަކީ:އެމީހަކު ކުރި ދުޢާއެއް ވަގުތުން އިޖާބަކުރެވުން ނުވަތަ ޤިޔާމަތްދުވަހަށް އެދުޢާއެއް ލަސްކުރެއްވުން ނުވަތަ އެމީހެއްގެ ކިބައިން މުޞީބާތެއް ދުރުކުރެއްވުމެވެ.

ވީމާ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ކަމެއްގައި ހަމަ އެކަނި ﷲއަށް ދުޢާކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުންއެދި ދުޢާކުރާޙާލު މި ލިޔުން ކުރުކޮށްލަމެވެ.

No comments:

Post a Comment